ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ. އަތޮޅަށް ފަށްޓަވާފައިވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު އެއަތޮޅު ހަންޏާމީދޫއަށް ވަޑައިގެން އެރަށުގައި ކުޅިވަރާއި ހަށިހެޔޮކަމާ ގުޅޭ ދެ މަޝްރޫޢެއްގެ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.
ހަންޏާމީދޫގައި ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ކުރިއަށްގެންދަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމާއި އެރަށުގައި ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްކަތެވެ. ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވައި، ވޮލީ ކޯޓުގެ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
ރައީސުލްޖުމްހޫރިއްޔާ ހަންޏާމީދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ވެސް ބައްދަލުކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އދ. އަތޮޅުގެ ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ދަނީ ފަށްޓަވަމުންނެވެ.

