އދ. އޮމަދޫގައި މި ސަރުކާރުން ގާއިމު ކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮމަދޫއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އެޅުއްވިއެވެ. މި ރަސްމިއްޔާތުގައި ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދާއި އޮމަދޫ ކައުންސިލްގެ ނައިބު ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅުގެ ދަށުން އޮމަދޫގައި ވެސް ފިޓްނަސް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
އޮމަދޫގައި ސަރުކާރުން ގާއިމުކުރާ ފިޓްނަސް ސެންޓަރުގެ ބިންގާ އެޅުމާއެކު، އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ ވެސް މިއަދު ވަނީ އަޅާފައެވެ. މިއީ އެރަށުގެ ތަރައްގީއަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ފާހަގަކުރެވެއެވެ.

