މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) ގެ އިންތިޚާބުގައި ބްރޯޑްކާސްޓަރުން އަދި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ހަތަރު މެންބަރުން ވަނީ އިންތިޚާބަކާ ނުލައި ހޮވިފައެވެ.
ކޮމިޝަނުން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، ބްރޯޑްކާސްޓަރުން ތަމްސީލު ކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، އެ މަޤާމަށް ޝަރުޠު ހަމަވެފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް، ދެ ކެންޑިޑޭޓުންނެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ހޮވިފައިވަނީ،
- ށ. ފޭދޫ / މޫނިމާގެ، ޢަބްދުލް ޢަޒީޒް އިބްރާހީމް
- ގދ. ތިނަދޫ / މަލަ، ޒަމްޢަތު އަޙްމަދު ވަޙީދު.
އަދި އެހެން މީޑިއާތައް ތަމްސީލު ކުރާ މެންބަރު ކަމަށް ހޮވިފައި ވަނީ،
- ގދ. ރަތަފަންދޫ / ވެލީގެ، ސިމާޙާ ނަސީމް
- ހދ. ވައިކަރަދޫ / ހިސާން، ޙުސައިން ޘަޤީފު
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގައިވާ ގޮތުން، އެމްބީސީގައި ތިބެންޖެހެނީ ޖުމްލަ 7 މެންބަރުންނެވެ. މިފަހަރުގެ އިންތިޚާބުގައި ހޮވަން ހަމަޖެހިފައި ވަނީ 4 މެންބަރުންނެވެ.

