އދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިހާރު އދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމާއެކު، މިހާރު ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި މި ޚިދުމަތް ލިބެން ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން މީގެ ހަތަރު މަސް ކުރިން ނ. ވެލިދޫ ސިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލްގައި ވަނީ މި ޚިދުމަތް ރަސްމީކޮށް ފަށާފައެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގައި ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. މިގޮތުން މި އަހަރުގެ ފެބްރުއަރީ މަހު ހއ. އިހަވަންދޫ ސިއްޙީ މަރުކަޒުގައިވެސް ޑަޔަލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ. އަދި 2024 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލްގައި މި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ހެލްތް މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި މިހާރު ޑަޔަލިސިސްގެ ޚިދުމަތް ނުފެށި އޮތީ އއ، ވ، ފ އަދި ދ. އަތޮޅުގައެވެ. ނަމަވެސް މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފެށޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ޑަޔަލިސިސްގެ ޚިދުމަތް އިތުރު ރަށްރަށުގައި ޤާއިމުކުރުމަކީ ކުރިން މާލެއަށް އައިސް މި ޚިދުމަތް ހޯދަމުންދިޔަ ފަރާތްތަކަށް ލުއިފަސޭހަވެގެންދާނެ ކަމެއްކަން ފާހަގަކުރެވެއެވެ.

