އދ. މާފަރު ފަޅު ތަރައްގީ ކުރުމާއި އާބަން ސެންޓަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. މި މަސައްކަތް ފެށިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މާފަރު ފަޅާއި އާބަން ސެންޓަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް އެންޑް ފްލޭނިން ވަޒީރު މޫސާ ޒަމީރާއި، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، ދާއިރާގެ މަޖިލިސް މެމްބަރު އަދި މަހިބަދޫ ކައުންސިލްގެ ރައީސްގެ ހާޒިރުގައެވެ.
މާފަރުފަޅު، އދ. މަހިބަދޫގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ކަނޑައެޅުއްވީ މީގެ އެއް އަހަރު ކުރިންނެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ނެރުއްވި ގަރާރެއްގެ ދަށުން ނިންމެވި ނިންމެވުމެކެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެފައިވަނީ، “މަހިބަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވުމުގެ ރިޔާސީ ވައުދުގެ ތެރެއިން، މާފަރުފަޅު، މަހިބަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމަކީ މަހިބަދޫގެ ތާރީޚުގައި ރައީސް މުއިއްޒުގެ ނަންފުޅު ތާއަބަދަށް ފަވާލެވިގެންދާނެ ކަމެއް” ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އދ. މަހިބަދޫ އާބަން ސެންޓަރުގެ ބިން ހިއްކުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް އެންޑް ފްލޭނިން ވަޒީރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
މި މަޝްރޫޢުގެ ސަބަބުން އިގުތިސާދީ މަސައްކަތްތަކާއި، ބޯހިޔާވަހިކަމާއި، ސިނާއީ އެތައް މަސައްކަތްތަކެއް ކުރިއަރައިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ކުރިއަށް އޮތް އެތައް ޖީލެއްގެ އުއްމީދާ ގުޅިފައިވާ މުހިންމު މަޝްރޫޢެއް ކަމުގައި ފާހަގަކުރެވެއެވެ.

