ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ޚިދުމަތް ޤާއިމްކޮށް ނިމިއްޖެއެވެ. މި ޚިދުމަތް ފުރިހަމަވެގެން ދިޔައީ އދ. އަތޮޅު މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމާ އެކުގައެވެ.
އދ. އަތޮޅުގެ ވެރިކަންކުރާ ރަށް މަހިބަދޫގައި މި ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިހުސާންއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެށިގެންދިޔަ ޚިދުމަތެކެވެ.
ދިވެހިރާއްޖޭގައި އައިޑީ ކާޑު ދޫކުރަން ފަށާތާ މިހާރު ވަނީ 41 އަހަރު ވެފައެވެ. އަދި ދިވެހި ދައުލަތުގެ ނަމުގައި ފުރަތަމަ ޕާސްޕޯޓް ދޫކުރީ 1964 ވަނަ އަހަރުއެވެ. ކޯވިޑް-19 ގެ ދަތި އުނދަގޫ ދުވަސްވަރު މި ޚިދުމަތްތައް އޮންލައިންކޮށް ދޭން ފެށުނު ނަމަވެސް، ގިނަ ރައްޔިތުންނަށް މި ޚިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރަން ޖެހުމަކީ ބޮޑު ބުރައަކަށް ވެފައިވެއެވެ.
މިހާރުގެ ސަރުކާރުން ވަނީ “ނާރެސް” ޕޯޓަލް ތަޢާރަފުކޮށް، ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެއްދޭނެ އިންތިޒާމު ހަމަޖައްސާފައެވެ. ޚާއްޞަކޮށް ފާހަގަކޮށްލެވެނީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތަށްވުރެ 3 މަސް ކުރިން، ހުރިހާ އަތޮޅެއްގައި މި ޚިދުމަތްތައް ޤާއިމުކޮށް ނިންމާފައިވުމެވެ.
މި ބަދަލާއެކު، ރާއްޖޭގެ ރައްޔިތުންނަށް އެމީހުންގެ އަތޮޅުން އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލިބިގެންދާނެއެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދޭނެ، އަދި ޚަރަދުތައް ކުޑަވެގެންދާނެ ބަދަލެއްކަން ފާހަގަކުރެވެއެވެ.

