އދ. މަހިބަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ސައިންސް ލެބާއި، ކޮމްޕިއުޓަރ ލެބް އަދި ޖެނެރަލް ލެބް މަރާމާތު ކުރުމުގެ މަސައްކަތް އެމްއީޓީއެސް ކުންފުންޏާ ހަވާލުކޮށްފިއެވެ.
މިރޭ މަހިބަދޫ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއީޓީއެސްގެ ފަރާތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ރިޒާ އާއި، ތައުލީމީ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ވަޒީރު ޑރ. އިސްމާއިލް ޝަފީއުއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ މަހިބަދޫގެ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ އިންފްރާސްޓްރަކްޗަރގެ ބޮޑު މަޝްރޫއެއް ކަމަށެވެ. އަދި ތައުލީމީ ދާއިރާ ކުރިއަރުވައި ސްކޫލްތަކުގައި ޖާގައިގެ ދަތިކަން ހައްލުކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
“ތައުލީމުގެ ދާއިރާއަކީ ސަރުކާރުން އެންމެ އިސްކަމެއްދޭ އެކެއް ދޭއް ތިނެއް ކިޔާއިރު ހިމެނޭ ދާއިރާއެއް. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތައުލީމީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ ބިޔަ ބޮޑެތި މަސައްކަތްތައް މިކުރަނީ އެއްފަހަރާ އެތައް ރަށެއްގައި،” ރައީސް ވިދާޅުވިއެވެ.
ސްޓެމް އެޑިއުކޭޝަންގެ ދާއިރާ ރާއްޖޭގައި ކުރިއެރުވުމަށް ސަރުކާރުން ދަނީ ރާއްޖޭގެ ގިނަ ސްކޫލްތަކުގައި ސްޓެމް އެޑިއުކޭޝަން ތައާރަފްކޮށް މި ދާއިރާގައި ފަންނުވެރިން ބިނާކުރަމުންނެވެ. އަދި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން، މެތެމެޓިކްސް (ސްޓެމް) ދާއިރާތަކުން ކިޔަވާ ކުދިންގެ އަދަދު އިތުރުކޮށް، ގައުމު ބިނާކުރުމަށް މި ދާއިރާތަކުގެ ފަންނުވެރިން އުފެއްދުމަށް ސަރުކާރުން އިސްކަންދޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

