އދ. ކުނބުރުދޫ ބިން ހިއްކުމާއި ބަނދަރުގެ އަމަލީ މަސައްކަތް އަންނަމަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ކުނބުރުދޫ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ކުނބުރުދޫއަކީ އައަތޮޅުގެ ނިސްބަތުން އެންމެ ބިން ކުޑަށް ރަށަށްވުމާއެކު އަލަށް އިތުރުކުރެވޭ ބިމާއި ބަނދަރުގެ މަޝްރޫޢާއެކު ބޯހިޔާވަހިކަމާއި އެހެނިހެން ދާއިރާތަކުންވެސް ރަށުގެ ރައްޔިތުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށެވެ.
ކުނބުރުދޫގައި އަލަށް ފެށުނު މަޝްރޫޢުތަކާއި ސޮއިކުރެވުނު މަޝްރޫޢުތަކަކީ އެރަށުގެ ކުރިއެރުމަށް ވަރަށް މުހިންމު މަޝްރޫޢުތަކެއްކަމަށާއި، މިއިން ކޮންމެ މަސައްކަތެއްވެސް ވަރަށް ޚާއްސަ ސަމާލުކަމެއްދެއްވައިގެން ސަރުކާރުން ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ކުނބުރުދޫގެ ރައްޔިތުންނަށް ދެއްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ކުނބުރުދޫ ބިން ހިއްކުމާއި ބަނދަރުގެ އަމަލީ މަސައްކަތް އަންނަމަހުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި ގިނަވެގެން އަހަރެއް ނުވަތަ ދޮޅު އަހަރުގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

