ރާއްޖޭގެ އިގުތިސާދުގައި ދިވެހީންގެ ބައިވެރިވުން އިތުރުކޮށް، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން މިއަދު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސްއަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ. މި އިސްލާހުތަކާއެކު ރާއްޖޭގައި ބޭރުމީހުން ކުރަމުންދާ ރީޓެއިލް ވިޔަފާރި ހުއްޓުވުމަށް ވަނީ ނިންމާފައެވެ.
އައު އިސްލާހުތަކުގެ ދަށުން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރު، ބަންކަރިންގ އަދި 15 މިލިއަން ޑޮލަރަށްވުރެ ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތައް ވަނީ ހަމައެކަނި ދިވެހިންނަށް ޚާއްޞަކުރެވިފައެވެ. ނަމަވެސް 2020 އިން ފެށިގެން ރީޓެއިލް ވިޔަފާރީގައި ބޭރުމީހުން އުޅުން މަނާކުރެވިފައިވީ ނަމަވެސް، އޭގެ ކުރިން ހުއްދަ ލިބިފައިވާ ވިޔަފާރިތަކަށް ވަގުތީ އިސްތިސްނާއެއް ދެވިފައިވާކަން ފާހަގަކުރެވެއެވެ.
މި އިސްލާހުތަކާއެކު މިހާރު ހިނގަމުންދާ ބޭރުގެ ވިޔަފާރިތަކަށް “ޓްރާންސިޝަން އައުޓް” ވުމަށް މުއްދަތެއް ދެވޭނެއެވެ. ފޮރިން އިންވެސްޓްމަންޓް ޓްރާންސިޝަން ކޮމިޓީއިން މި މުއްދަތު ކަނޑައެޅުމުގައި، އެ ވިޔަފާރިތަކުން ކޮށްފައިވާ އިންވެސްޓްމަންޓް، ގާނޫނުތަކަށް ޢަމަލުކޮށްފައިވާ ގޮތް އަދި އިޤްތިޞާދަށް ކޮށްފައިވާ ހިއްސާއަށް ރިޢާޔަތްކުރާނެއެވެ.
މި އިސްލާހުތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންނަށް އިޤްތިޞާދީ މިނިވަންކަން ހޯދައިދިނުމާއި، ދިވެހި އިންވެސްޓަރުންނާއި ކުދި ވިޔަފާރިތަކަށް ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި މީގެ ސަބަބުން ޤައުމުގެ އިޤްތިޞާދުގައި ދިވެހިން ބާރުވެރިވެގެންދާނެކަމަށް ބެލެވެއެވެ.
އިސްލާހުތަކުގެ ދަށުން ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި ޖޮއިންޓް ވެންޗަރ އުސޫލުން އިންވެސްޓްކުރުމުގެ ފުރުސަތު ދެމެހެއްޓިފައިވާއިރު، މި ބަދަލުތަކުގެ ސަބަބުން ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި މިހާރު ވިޔަފާރި ހިންގަމުންދާ ދިވެހި ފަރާތްތަކަށް ޤައުމުގެ ކުރިއެރުމުގައި ބައިވެރިވެ، އިޤްތިޞާދީ ފައިދާ ލިބިގަތުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.

