ހދ. ނޮޅިވަރަންފަރުގެ ނެރު ފުން ކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް، މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ދަތުރުފަތުރުގެ ކަންކަން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.
އެމްޓީސީސީން މިއަދު ވިދާޅުވީ، ނޮޅިވަރަންފަރު ނެރު ފުން ކުރުމުގެ މަސައްކަތް ގާތްގަނޑަކަށް %95 ނިމިފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ މަސައްކަތުގެ ޖުމްލަ %70 މިހާރު ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކުރައްވާފައެވެ.
ނޮޅިވަރަންފަރުގައި އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫއަކީ 5.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ތެރޭގައި 22،050 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރުފުން ކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ނިމުމުން، ރަށުގެ ބަނދަރަށް ވަދެނިކުތުމުގައި ދިމާވާ ދަތިތައް ހައްލުވެ، ރައްޔިތުންނަށް އިތުރު ފަސޭހައެއް ލިބިގެންދާނެއެވެ.
ނޮޅިވަރަންފަރުގެ ނެރު ފުން ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މި އަހަރުގެ އޮގަސްޓް މަސް ތެރޭގައި މިރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި ދެ މަޝްރޫޢު ނިމުމުން، ނޮޅިވަރަންފަރުގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

