ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާތަނަށް ފްލެޓް ކަނޑައަޅާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މިއަދު ފަށައިފިއެވެ. މި ގުރުއަތުލުން ކުރިއަށް ގެންދަނީ، މީގެ ކުރިން ބޭއްވުނު ގުރުއަތުގައި ބައިވެރިވެފައިނުވާ، ނަމަވެސް ފްލެޓް ލިބުމަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ތިން ކޮޓަރީގެ ފްލެޓްތަކަށް ޝަރުތުހަމަވެ މިހާތަނަށް ގުރުއަތުގައި ބައިވެރިވެފައިނުވާ 338 ފަރާތެއްގެ ގުރުއަތު މިއަދު ނަގާފައިވެއެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތުހަމަވާ 58 ފަރާތެއްގެ ގުރުއަތުވެސް ވަނީ ނަގާފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދަނީ ކުރިއަށް ގެންދަމުންނެވެ.
ވުޒާރާއިން އިތުރަށް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، ފްލެޓް ލިބުމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، 73 އިން ފެށިގެން މަތިން މާރކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި، 76 އަށް ވުރެ މަތިން މާރކްސް ލިބި ތިން ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކުގެ މެދުގައި މިއަދު ގުރުއަތުލުން ފަށާފައިވާ ކަމަށެވެ.
އެގޮތުން، ފްލެޓަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، 73 އިން ފެށިގެން މަތިން މާރކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ޖުމްލަ 58 ފަރާތެއްގެ ގުރުއަތު މިހާތަނަށް ވަނީ ނަގާފައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައި ދާއިމީ ލިސްޓު ނެރުނީ ކުރީ ސަރުކާރުންނެވެ. ކުރީ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅައި، ނެރެފައިވާ ލިސްޓާ ގުޅިގެން، ގިނަ ޝަކުވާތަކެއް އޭސީސީއަށް އޭރު ހުށައެޅިއެވެ. އޭސީސީން އޭރު ހާމަކުރިގޮތުގައި ލިސްޓުގައި ހިމެނޭ މީހުންގެތެރެއިން ގާތްގަނޑަކަށް %70 މީހުން ފްލެޓަށް ޝަރުތުހަމަނުވެއެވެ.
މިސަރުކާރުން ވަނީ އޭސީސީގެ ލަފަޔާއެކު ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ މައްސަލަތައް ބައްލާފައެވެ. އެގޮތުން، ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 2180 މީހުން ޝަރުތު ހަމަނުވާކަމަށް އެ ކޮމިޓީންވެސް ނިންމިއެވެ. ސަރުކާރުން ކުރިއަށްގެންދިޔަ ލިސްޓް އިވެލުއޭޝަން މަސައްކަތުގައި 4939 ފޯމު ބަލާފައިވެއެވެ.
ލިސްޓުގައި މައްސަލައެއް ނެތި، ޝަރުތު ހަމަވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީ މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ. މިގޮތުން 3164 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލައި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

