އިސްރާއީލްގެ ސަލާމަތީ ބާރުތަކުގެ ފުރިހަމަ ހިމާޔަތާއެކު، މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާ މިސްކިތް ސަރަހައްދަށް ޔަހޫދީން މިއަދު ވަދެގަތް މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހާދިސާގައި އިސްރާއީލުގެ ހަރުކަށި ކަނާތު ފިޔައިގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރް ބެން ގްވިރްގެ އިތުރުން 1،300 އަށްވުރެ ގިނަ ޔަހޫދީން ވަނީ މިސްކިތުގެ ގޯތިތެރޭގައި ޔަހޫދީ ދީނުގެ އަޅުކަން ކޮށްފައެވެ. މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ސީދާ ޚިލާފު ކަމެއްކަމަށް ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ “މިފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ދީނީ ހައްގުތަކަށް އަރައިގަނެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ފުރައްސާރަ ކުރެވޭ” ކަމަށެވެ.
އިސްރާއީލުން ހިންގަމުންދާ މިފަދަ ޣައިރު ގާނޫނީ އަމަލުތަކާއި، އިސްލާމީ މުގައްދަސް ތަންތަނުގެ ހުރުމަތް ކެނޑުމުގެ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ އަލިއަޅުވާލާފައެވެ.

