ވެންޓިލޭޓަރ މައްސަލައަކީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާއި ޖިނާއީ ތަޙުޤީޤުތަކުން ހާމަވެފައިވާ، ސަރުކާރަކުން ހިންގާފައިވާ ބޮޑު ކޮރަޕްޝަނެއްގެ ކްލާސިކް މިސާލެއް ކަމަށް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އިމްތިޔާޒް އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި މައްސަލައިގެ މަދަނީ ބައި (ވަގަށް ނަގާފައިވާ ފައިސާ އަނބުރާ ހޯދުން) ދުބާއީ ކޯޓު މެދުވެރިކޮށް އިތުރަށް ސާބިތުވެގެން ގޮސްފައިވާ ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި 2020 ވަނަ އަހަރު ހެލްތު މިނިސްޓްރީން 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގއާ ހަވާލުކޮށް، 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) ދިނުމަށް އެއްބަސްވެ، 34 މިލިއަން ރުފިޔާ އެއްފަހަރާ ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އެހެންނަމަވެސް، މި މުޢާމަލާތުގައި ވެންޓިލޭޓަރުތަކެއް ނުލިބި، ލިބުނު މަދު ވެންޓިލޭޓަރުތައްވެސް ބޭނުންކުރެވޭ ފެންވަރުގައި ނެތުމާ ގުޅިގެން، ދިވެހި ދައުލަތުން ދުބާއީ ކޯޓުގައި މައްސަލަ އުފުލާފައިވެއެވެ. މި މައްސަލައިގައި ދުބާއީ ކޯޓުން ވަނީ 31 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން ބުނެފައިވަނީ، މި މަރުހަލާގައި އެ ކުންފުނިން ފައިސާ ނުލިބިއްޖެނަމަ، އެ ފައިސާ ހޯދުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

