މިދިޔަ 2 އަހަރުދުވަހު ފަލަސްޠީނުގެ ޣައްޒާގައި ކުރިއަށް ގެންދިޔަ އަނިޔާވެރި ހަނގުރާމަ ހުއްޓާލުމަށް ޔަހޫދީ ދައުލަތުން ޙަމާސް ޖަމާއަތާއެކު އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަސައްކަތްޕުޅުން ވުޖޫދަށް އައިސްފައިވާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ މުހިންމު ބައިތަކުގެ ތެރޭގައި، 20 މާއްދާގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއްގެ ދަށުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަންކޮށް، މަރުވެފައިވާ ޔަހޫދީ އަސީރުންގެ ހަށިތައް ޔަހޫދީންނާ ޙަވާލުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން، ޔަހޫދީ ޖަލުތަކުގައި ބަންދުކޮށްފައި ތިބި 1,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން މިނިވަންކުރުމަށް ޔަހޫދީން އެއްބަސްވެފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ފެށުނު މި އަނިޔާވެރި ހަނގުރާމައިގައި މިހާތަނަށް 67,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާއިރު، 158,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޝަހީދުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
މި އެއްބަސްވުމުގެ އެންމެ މުހިންމު އެއް ނުކުތާއަކީ ޔަހޫދީ ފައުޖުތައް ޣައްޒާއިން ފައިބަންޖެހުމެވެ. މިއީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ސިޔާސީ މާހިރުން ފާހަގަކުރެއެވެ.
މި އެއްބަސްވުމަކީ ސުލްޙައިގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ކަމުގައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ. މި އެއްބަސްވުމާއެކު ދެފަރާތުގެ މެދުގައި އޮތް ގިނަ ދުވަސްވީ ޚިލާފުތަކެއް ނިމުމަކަށް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

