އދ. މަންދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރައްވައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަންދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހުއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެެވެ. އަދި މަންދޫ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ.
މި މަޝްރޫއުގެ ދަށުން ވަށާފާރު ރޭނުމާއި، ސްޓޭޑިއަމްގައި ލައިޓް ހަރުކުރުމާއި ސަބްބޭސް ތައްޔާރުކުރުމާއި، ޓާފް އެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރިޔަށް ގެންދާނެއެވެ. މިއީ 11.48 މިލިއަން ރުފިޔާއަށް 210 ދުވަހުގެތެރޭގައި ނިންމުމަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

