ހަނިމާދޫގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމައި، އަންނަމަހުގެ 9 ގައި ރަސްމީކޮށް ހުޅުވާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، އެއަރޕޯޓް ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި، އައު ޓަރމިނަލަށް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. "އަންނަމަހު 9 ގައި ހުޅުވުމަށް މިދަނީ ތައްޔާރުވަމުން. މިހާރު ޖެޓީގެ މަސައްކަތާއި އެއަރޕޯޓުގެ ފިނިޝިންގެ މަސައްކަތް ދަނީ ކުރަމުން،" ޝަރީފް ވިދާޅުވިއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކުރެވޭ އެއަރޕޯޓް
ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ތަރައްޤީކުރެވޭ މި އެއަރޕޯޓަކީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ މިންވަރަށް ތަރައްޤީކުރެވޭ އެއަރޕޯޓެކެވެ. މި އެއަރޕޯޓުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެއްފަހަރާ 9 ފްލައިޓް ޕާކުކުރެވޭ މިންވަރަށް އޭޕްރަން ތަރައްޤީކޮށްފައިވާއިރު، އޭގެތެރޭގައި އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓު ހިމެނެއެވެ.
ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ 10,380 އަކަމީޓަރުގެ އައު ޓަރމިނަލްގައި ދެ ފަންގިފިލާ ހިމެނެއެވެ. އެގޮތުން އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށް ކަމަށްވާއިރު، މަތީ ފަންގިފިލާ ބޭނުންކުރާނީ ބައިނަލްއަޤްވާމީ ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނޭއިރު، އަތޮޅުތެރޭގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ޤާއިމްކޮށްފައިވަނީ މި އެއަރޕޯޓުގައެވެ.
އައު ޓަރމިނަލަށް ޚިދުމަތްތައް ބަދަލުކުރުމަށްފަހު ބައު ޓަރމިނަލް ތަޅާލުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތު ދީފައިވެއެވެ.

