ކޮރަޕްޝަންގެ ތުހުމަތުގައި، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުވާން އަންގައި ޗިޓް ފޮނުވައިފިއެވެ. އޭސީސީއިން މިއަދު ނެރުނު އެ އަމުރުގައި ފައްޔާޒު އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30އަށެވެ.
އެ ޗިޓުގައިވަނީ، ފައްޔާޒް ހާޒިރުކުރަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް ދިނުމަށް 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމުމުގައި ފައްޔާޒް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކޮށްފައެވެ.
އޭގެ އިތުރުން ފައްޔާޒުގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާތީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭސީސީއިން އޭނާގެ މައްޗަށް ތުހުމަތުކުރެއެވެ.
އޭސީސީގެ ޗިޓް "އެކްސް"ގައި ހިއްސާކުރައްވަމުން ފައްޔާޒު ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިނުވާނެ ކަމަށެވެ. އަދި އިންސާފުވެރި ތަހުގީގެއް އޭސީސީއިން ކުރާނެ އަދި ކުރެވޭނެ ކަމަކަށް ވެސް އޭނާ ގަބޫލެއް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ވަޒީފާގެ ޔަގީންކަން ހޯދުމަށް ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން [ރައީސް] މުއިއްޒު އަންގަވާހާ ގޮތަކަށް ކަންކަން ކުރަމުން އަންނަކަން ދިވެހިންނަށް ވަރަށް ސާފު. ސިޔާސީ ނުފޫޒުގައި ޖެހި ވަކި އަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ،" ފައްޔާޒް ވިދާޅުވިއެވެ.

