ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް، ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރުގެ ޙައްޖަށް ފޮނުވާނެ 50 ފަގީރުން މިއަދު ހޮވައިފިއެވެ. މިއަހަރުވެސް ޙައްޖަށް ދާނެ ފަރާތްތައް ހޮވާފައި ވަނީ ގުރުއަތުލުމުގެ އުސޫލުންނެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ހަފްލާގައި ގުރުއަތު ލައިގެން ހޮވާފައި ވަނީ ޙައްޖަށް ފޮނުވާނެ 50 ފަގީރުންގެ އިތުރުން، އެއްވެސް ޙާލަތެއް ދިމާ ވެގެން މީހަކު އުނިވެއްޖެނަމަ ފުރުޞަތު ދެވޭނެ 25 ރިޒާވް ފަރާތްތަކެވެ. މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސް އިން ރިވިއު ކޮށްފައިވާ ދަފްތަރެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ފުރަތަމަ ފަހަރަށް ފަގީރުން ޙައްޖަށް ފޮނުވަން ފެށީ 1445 ވަނަ އަހަރުއެވެ. އެއަހަރާއި 1446 ވަނަ އަހަރުވެސް ވަނީ 50 ފަގީރުން ޙައްޖަށް ފޮނުވާފައެވެ. މިހާތަނަށް މި ވަޢުދުގެ ދަށުން 100 ފަގީރުން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ފަގީރުންގެ ލިސްޓުގައި މިވަގުތު ފަރުޟު ޙައްޖު އަދާނުކޮށް ތިބީ 376 މީހުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގެ ތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު ނުކުރާ އެންމެން ޙައްޖަށް ފޮނުވައި ނިންމުމަށް ވަނީ ރޭވިފައެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަގީރުން ޙައްޖަށް ފޮނުވުމުގެ ވަޢުދު ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވީ 2023 ވަނަ އަހަރުގެ އޮގަސްޓް 18 ވަނަ ދުވަހުގެ ރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރެއްވި އިރުއެވެ.

