މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެއްގައި ހުރި ދުންފަތުގެ ބާވަތެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ ޓާމިނަލްއިން ގެއްލިފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގު ކުރަމުންދާ ކަމަށް އެމްޕީއެލްއިން މިއަދު ހާމަކޮށްފިއެވެ.
އެމްޕީއެލްއިން ބުނީ މި މައްސަލައަކީ ފުލުހުންގެ ތަހުގީގުގެ މަރުހަލާގައިވާ މައްސަލައަކަށް ވުމާއެކު، މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މި ވަގުތު ހާމައެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުން އެތެރޭގެ ތަހުގީގެއް ކުރިއަށްގެންދާ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.
“މައްސަލައިގެ ތަހުގީގު ނިމުމުން، ރިޕޯޓާއި އެއްގޮތަށް އެމްޕީއެލްއިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ތަންފީޒުކުރާނެ،” އެމްޕީއެލް އިން ބުންޏެވެ.
މި މައްސަލަ ހާމަވެގެން އައީ، އައްޑޫއަށް އެތެރެކުރަން އުޅުނު ވަގު ސިނގިރޭޓު ޝިޕްމެންޓެއް ކަސްޓަމްސްއިން އަތުލައިގަތުމާ ދުވަސްކޮޅެއް ފަހުންނެވެ. މިދިޔަ އާދީއްތަ ދުވަހު އަތުލައިގަތް އެ ޝިޕްމެންޓުގައި ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު ހުރި ކަމަށް ވެއެވެ.
ރާއްޖޭގައި ވަގު ދުންފަތުގެ ވިޔަފާރި އިތުރުވަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިފަދަ މައްސަލަތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.

