މާފަންނު ބޮޑުގެ ވަގުތީ މިސްކިތް ތަޅާލުމަށްފަހު، އެތަނުގައި އަލަށް އިމާރާތްކުރާ ޒަމާނީ މިސްކިތުގެ ބިންގާ އަޅާނީ ނޮވެމްބަރު 4 ވަނަ ދުވަހު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، މާފަންނު ބޮޑުގެ މިސްކިތް އޮކްޓޯބަރު 17 ވަނަ ދުވަހު ހުކުރު ނަމާދަށްފަހު ބަންދުކޮށް، އެއަށްފަހު ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. “އިންޝާ ﷲ ނޮވެމްބަރު 4 ވަނަ ދުވަހު އެތަނުގައި އާ ޒަމާނީ މިސްކިތުގެ ބިންގާ އަޅާނެ،” ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫއަކީ ހެޔޮއެދޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އެޅޭ މިސްކިތަކީ ތިން ބުރީގެ ޒަމާނީ ފެންވަރުގެ މިސްކިތެކެވެ.
މީގެއިތުރުން ވަޒީރު ހާމަކުރެއްވި ގޮތުގައި، މާލެ ސަރަހައްދާއި އަތޮޅުތަކުގައި ކުރިއަށްދާ މިސްކިތްތަކުގެ 15 މަޝްރޫއެއް އަންނަ ރަމަޟާން މަހާ ހަމައަށް ނިމި، ބޭނުންކުރަން ފެށޭނެއެވެ. އަދި މި މަޝްރޫއުތަކުގެ ތެރެއިން ބައެއް މިސްކިތްތައް މިހާރުވަނީ ނިމި، ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެފައެވެ.
މި މަޝްރޫއުތަކަކީ ސަރުކާރުން މިސްކިތްތައް އާރާސްތުކޮށް، އިތުރު މިސްކިތްތައް ބިނާކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.

