ބައިނަލްއަޤްވާމީ ޤާނޫނަކީ މާނައެއް ހުރި އެއްޗަކަށް ހެދޭނީ ހުރިހާ ޤައުމެއްގެ މައްޗަށްވެސް އެ ޤާނޫނު ހަމަހަމަކަމާއެކު ހިންގިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއީ ތުރުކީގެ ދަޢުލަތުގެ މީޑިއާ އޭޖެންސީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅެކެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ނުކުޅެދިފައިވެއެވެ. އަދި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ބަލައިނުގަނެވޭނެކަން އެ ޤައުމަށް އަންގައިދިނުމަށްޓަކައި، ސިޔާސީ ޕްރެޝަރާއި ހަރުދަނާ ފިޔަވަޅުތަކުގެ ޒަރީޢާއިން އެ ޤައުމު ޖަވާބުދާރީކުރުވަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އިސްރާއީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމާއި، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އިސްރާއީލާ ދެކޮޅަށް އަޑުއުފުލުން ހިމެނެއެވެ. “ފަލަސްތީނު މިނިވަން ނުވާހާ ހިނދަކު ދިވެހިރާއްޖޭގެ ވާޖިބު ފުރިހަމަވީކަމަކަށް އަޅުގަނޑު ނުދެކެން” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ކުދި ޤައުމުތަކަށް ފަލަސްޠީނުގެ ހައްޤުގައި ވާހަކަދެއްކުމުގެ މިނިވަންކަން ލިބެނީ އެ ޤައުމުތައް ބޮޑެތި ބާރުތަކުގެ މަޞްލަޙަތުތަކަށް ބަރޯސާވެފައި ނުވާތީއެވެ. އަދި ޙަޤީޤީ ސިޔާދަތު މިންކުރެވޭނީ ޤައުމެއްގެ ބޮޑުމިނުން ނުވަތަ އަސްކަރީ ބާރުން ނޫން ކަމަށާއި، އެކަން މިންކުރެވޭނީ ޕްރެޝަރުގެ ދަށުގައިވެސް އަމިއްލަ ޟަމީރަށް ވަފާތެރިވުމުގައި ދެމިހުރުމުންކަމަށް ވިދާޅުވިއެވެ.
އިސްރާއީލާ ދެކޮޅަށް ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކުން ހަރުދަނާ ފިޔަވަޅުތައް އެޅި ނަމަވެސް، ބައެއް ޤައުމުތަކުން އެމީހުންގެ ސިޔާސީ މަޞްލަޙަތު އިސްކުރާހާ ހިނދަކު، އިސްރާއީލުން ހިންގާ ޖަރީމާތަކަށް ޖަވާބުދާރީ ނުކުރެވޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ރައްކާތެރިކުރުމަށް މެކޭނިޒަމްތައް ހުރި ނަމަވެސް، ބާރުގަދަ ޤައުމުތަކުން އިސްރާއީލު ސަލާމަތްކުރާއިރު، މި މެކޭނިޒަމްތައް ބަލިކަށިވެ، އިންސާފު ލަސްވަމުންދާކަން ފާހަގަކުރެއްވިއެވެ.

