ޓްރޭޑިއަންގެ ދެވަނަ ފިޔަވަހީގައި ޚާއްސަ ކުރަނީ ވައިގެ މަގުން ފޯރުކޮށްދޭ ޚިދުމަތްތަކަށްކަމަށާއި އަންނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި އެއަރކްރާފްޓްތައް ރަޖިސްޓްރީކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް ޓްރޭޑު ނެޓުން މިއަދު ހާމަކޮށްފިއެވެ.
ޓްރޭޑު ނެޓުގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވި ގޮތުގައި، ޓްރޭޑިއަންގެ ފުރަތަމަ ފިޔަވަހީގައި އަމާޒުކޮށްފައިވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ މުދަލުގެ ޚިދުމަތްތަކަށް ކަމަށާއި، ދެވަނަ ފިޔަވަހީގައި ވައިގެ މަގުން ކުރެވޭ އިމްޕޯޓް އަދި އެކްސްޕޯޓް މުދަލުގެ ޚިދުމަތްތައްވެސް ހިމެނޭނެއެވެ.
“މިކަހަލަ ޕްލެޓްފޯމެއް އޮތީމަ ސީ-ޓު އެއަރ ކާގޯގެ ފަދަ އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތައް ފުޅާކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ. އެއީ ރިއަލް ޓައިމްގައި މަޢުލޫމާތުތައް ލިބިގެން އެބަދޭ،” ސަޢީދާ ވިދާޅުވިއެވެ.
ދެވަނަ ފިޔަވަހީގައި ވައިގެ މަގުން ރާއްޖެ އަންނަ އުޅަނދުތަކާއި އެޖެންޓުން ރަޖިސްޓްރީ ކުރުމުގެ އިތުރުން، ސަރުކާރުގެ އިދާރާތަކުން ޚާއްސަ ހުއްދަތައް ނަގައިގެން ގެންނަ މުދަލުގެ ބާވަތްތަކަށް ހުއްދަދިނުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ސަޢީދާ ހާމަކުރެއްވިއެވެ.
މި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެމްއޭސީއެލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި ކަސްޓަމްސްއާ ގުޅިގެން މަސައްކަތްތައް ކުރިއަށްދާކަމަށާއި، މިއަހަރުގެ ނިޔަލަށް މި މަސައްކަތްތައް ނިންމުމަށްފަހު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އެއަރކްރާފްޓް ރަޖިސްޓްރޭޝަންގެ ޚިދުމަތް ފެށުމަށް ވަނީ ރޭވިފައެވެ.
މިއަހަރުގެ އޭޕްރީލް 20 ގައި ފެށުނު ޓްރޭޑިއަން ޕޯޓަލްގައި މިހާތަނަށް 58 އަށްވުރެ ގިނަ ޝިޕިންގ އެޖެންޓުންނާއި 70 އަށްވުރެ ގިނަ ފްރައިޓް ފޯވާޑަރުން ވަނީ ރަޖިސްޓްރީ ވެފައެވެ.

