އއ. އުކުޅަހުގެ މަގުހެދުމުގެ އަމަލީ މަސައްކަތުގެ 64 އިންސައްތަ މިހާރު ވަނީ ނިމިފައިކަމަށް އެމްޓީސީސީން މިރޭ ހާމަކޮށްފިއެވެ.
56.11 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، 2،678 މީޓަރުގެ ދިގުމިނުގައި 10 މަގެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމާއި، ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ.
މީގެ އިތުރުން، 4،193 އަކަ މީޓަރުގެ ހިނގާ ސަރަހައްދަކާއި، 14،452 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ. އަދި މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ކަފިހި ހުރަސް ގާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
2023 ވަނަ އަހަރުގެ ޖުލައި މަހު ފެށުނު މި މަޝްރޫއުގެ މަސައްކަތް މިހާރު ދަނީ ހަލުވި ދުވެލީގައި ކުރިއަށެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި މިވަގުތު އޭބީސީ ލޭޔާ އެޅުމުގެ މަސައްކަތާއި، ބަރު ދުއްވައިގެން މަގުތައް ލެވެލް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މި މަޝްރޫއު ނިމުމުން އުކުޅަހުގެ މަގުތަކުގެ ހާލަތު ރަނގަޅުވެ، ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ގާއިމުވެގެންދާނެއެވެ.

