ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިޔާވެހި ފައިނޭންސިންގ ސްކީމުގެ ދަށުން ހުށަހެޅޭ ޕްރޮޖެކްޓްތައް އެޕްރޫވް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ސްކީމަކީ ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ، ގެދޮރު އިމާރާތްކުރުމަށް ރާއްޖޭގައި އެންމެ ކުޑަ ރޭޓުކަމަށްވާ 5 އިންސައްތައިގެ ރޭޓުގައި ފައިނޭންސިންގ ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.
މި ސްކީމުގެ ދަށުން ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ބަހާލެވޭނެއެވެ. މީގެ ތެރޭގައި 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. އަދި އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ 20 އިންސައްތަ ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށްވެސް ހަމަޖެއްސޭނެއެވެ. މި ސްކީމުގެ ދަށުން އިމާރާތްކުރާ ތަން ފިޔަވައި އިތުރު ރަހުނެއް ބޭނުމެއް ނުވާނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެފައިވަނީ ބީއެމްއެލްއަކީ ޤައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް ކަމަށާއި، ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫޢުތަކަށް އެހީތެރިވުމަކީ ބޭންކުގެ ޒިންމާއެއް ކަމަށެވެ.
"ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ޤައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއަކީ މި ޤައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް. ބޭންކުގެ ކުރިއެރުމަކީ ޤައުމުގެ ކުރިއެރުމާ ވަކިން އޮތް ކަމެއް ނޫން. އެހެންކަމުން ހިޔާވެހި ފައިނޭންސިންގ ސްކީމް ތަޢާރަފުކުރުމާއެކު، މިއީ ޤައުމީ ބޭންކުން އެހީތެރިވާންޖެހޭ ކަމެއްކަމަށް އަޅުގަނޑުމެން ނިންމީ،" ޝަރީފް ވިދާޅުވިއެވެ.
މި ސްކީމުގެ ދަށުން މިހާތަނަށް 1,400 އަށްވުރެ ގިނަ އެޕްލިކޭޝަން ބޭންކަށް ލިބިފައިވާ ކަމަށާއި، މި އެޕްލިކޭޝަންތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބޭންކުން މަޢުލޫމާތު ދެއެވެ.

