އެމްޓީސީސީއިން ތަރައްޤީކުރާ ބޮޑުތަކުރުފާނު މަގު ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިންމައިލައިފިއެވެ.
އެ މަގުގެ މަސައްކަތް ކުރިއަށްގެންދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ. އޭގެތެރެއިން ފުރަތަމަ ސެގްމަންޓްގައި ކުރިއަށްގެންދަނީ ލޯކަލް މާރުކޭޓުން ފެށިގެން، ރަސްމީ ފާލަމާ ހައަށް ހިމެނޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތެވެ.
އެމްޓީސީސީއިން ބުނީ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާކަމަށާއި، ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމްގެ ޕަމްޕް ސްޓޭޝަން ވަޅު ކަސްޓްކޮށްފައިވާއިރު، އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ސެގްމެންޓް 1 ގެ ސަބް ގްރޭޑް މަސައްކަތްތަކާއެކު ކެރިޖްވޭގެ މަސައްކަތްތައް ވަނީ ފަށާފައިކަމަށާއި ޑްރެނޭޖް ސިސްޓަމްގެ ތަކެތި ޑެލިވަރީކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް މި ހަފްތާގައި ފެށުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ސެގްމެންޓު ނޮވެމްބަރު މަހު ނިމޭނެކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

