“ޑަބްލިއުޑީސީ ހިޔަލަ ހޭންޑްބޯލް ޓޯނަމަންޓް 7” ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަވީރަށް ސުންގަޑި ހަމަވާނެ ކަމަށް ޓޯނަމަންޓް ހިންގާ ފަރާތުން ހާމަކޮށްފިއެވެ.
ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ޑަބްލިއުޑީސީ ހިޔަލަ ހޭންޑްބޯލް ޓޯނަމަންޓް 7” ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަވީރާ ހަމައަށް ހުޅުވާލާފައިވާއިރު، މިއީ މި މުބާރާތުގައި ބައިވެރިވުމަށް ލިބޭ އެންމެ ފަހު ފުރުސަތެވެ.
2025 ވަނަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށްދާނީ ތިނަދޫ ސިޓީ ހޭންޑްބޯލް ކޯޓުގައެވެ. މި އަހަރުގެ މުބާރާތް ހިންގުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ހަވަރު ސްޕޯޓްސްއާއެވެ. ތިނަދޫގައި ބޭއްވޭ އެންމެ ބޮޑު އަންހެނުންގެ ހޭންޑްބޯލް މުބާރާތް ކަމުގައިވާ މި މުބާރާތް އިތުރަށް ކުރިއަރުވައި ފުޅާކުރުމަށްޓަކައި ހަވަރު ސްޕޯޓްސްގެ ތަޖުރިބާކާރު އެހީތެރިކަން ހޯދުމަށް ވަނީ ނިންމާފައެވެ.
ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ވިދާޅުވި ގޮތުގައި “މި މުބާރާތަކީ ތިނަދޫގެ އަންހެން ކުޅުންތެރިންނަށް ވަރަށް މުހިންމު މުބާރާތެއް. ހަވަރު ސްޕޯޓްސްއާއެކު މަސައްކަތްކުރުމުން މުބާރާތް އިތުރަށް ފުޅާވެ، ކުރިއަރައިގެންދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން.”
ހަވަރު ސްޕޯޓްސްއަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދޭ ޖަމްއިއްޔާއެއް ކަމަށްވެފައި، ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާގައި މި ޖަމްއިއްޔާއިން ދެމުންއަންނަ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން އަވަސްވެގަތުމަށް ކޮމެޓީން ގޮވާލައްވާފައިވެއެވެ. އިތުރު މައުލޫމާތު ހޯދުމަށް ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅުއްވުމަށް ވެސް އަންގަވާފައިވެއެވެ.

