ޙަރާމްގޮތުގައި މުދާ ހޯދުމަކީ، މުދަލުގެ ބަރަކާތް ކެނޑި، ޢަމަލުތައް ޤަބޫލު ވެވުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. މާތް ﷲ އިންސާނާއަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި، އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
މިއަދުގެ ޚުތުބާގެ މައުލޫއަކީ “މުދަލުގެ ޙުރުމަތް” މިއެވެ.
ކޮންމެ އިންސާނެއްގެ އަޖަލާއި އޭނާގެ ރިޒުޤާއި އޭނާއަކީ، ބާއްޖަވެރިއެއްކަން ނުވަތަ އަބާއްޖަވެރިއެއްކަން ލިޔުއްވައިފައިވާ ކަމަށެވެ.
ލޮބުވެތި ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގައިވަނީ “ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުމެ، ސާޅީސް ދުވަސް ވަންދެން، އޭނާގެ މައިމީހާގެ ބަނޑުގައި ގަރުބަގަނެ، އޭނާ އުފެދެމުން އާދެއެވެ. ދެން ގަނޑުލޭކޮޅަކަށްވެ، ހަމަ އެހައި ދުވަހު އެ ގޮތުގައި އޮވެއެވެ. ދެން މަސްކޮޅަކަށްވެ، ހަމަ އެހައި ދުވަހު އެ ގޮތުގައި އޮވެއެވެ. ދެން މާތް ﷲ އޭނާގެ ގާތަށް މަލާއިކަތަކު ފޮނުއްވަވައި، އެ މަލާއިކަތާއަށް ހަތަރު ކަމެއް ލިއުއްވުމަށް އަމުރުކުރެއްވޭނެއެވެ. އެއީ، އޭނާގެ ޢަމަލާއި، ރިޒުޤާއި، އަޖަލާއި، އޭނާއަކީ އަބާއްޖަވެރިއެއްކަން ނުވަތަ ބާއްޖަވެރިއެއްކަން ލިޔުއްވުމަށެވެ!”
މާތް ﷲ އިންސާނާއަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެކެވެ.
މާތް ﷲ ވަނީ، އެކަލާނގެ ދީނުގައި މުދާ ހޯދައި، އެ މުދާ މިލްކުކުރުމުގެ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވައިފައެވެ. ބާޠިލުގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށް އެކަލާނގެ ވަނީ އަމުރުކުރައްވައިފައެވެ. އަދި ހެޔޮ ގޮތުގައި ވިޔަފާރިކޮށް ދިރިއުޅުން ބާއްޖަވެރިކުރާން މަސައްކަތްކުރުމަށް އެންގެވިއެވެ.
ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެކެވެ. އަދި އަހަރެމެންގެ ޢަމަލުތައް މާތް ﷲގެ ޙަޟުރަތުގައި ޤަބޫލުވެވޭނޭ ކަމެކެވެ. ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ކަމެކެވެ.
ޙަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތްކެނޑޭނޭ ކަމެކެވެ. އަދި ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނޭ ކަމެކެވެ. ދިރިއުޅުމުގައި އުފާވެރިކަމާއި ބާއްޖަވެރިކަންނެތޭނޭ ކަމެކެވެ. ޙަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ، އެ މީހެއްގެ ރިޒުޤުކަމުގައިވެއްޖެ މީހަކަށް ހުރި އަބާއްޖަވެރިކަމެއްގެ ބޮޑުކަމާއެވެ!

