ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައިފިއެވެ. ޑރ. އައިޝަތު އަލީ އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވާކަން ހާމަކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު “އެކްސް”ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ކުރީގެ ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުން ކަމަށްވާ އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއީލް، ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު އަދި އެޑިއުކޭޝަން މިނިސްޓަރު، އައިޝަތު އަލީ އޭސީސީގެ ތަހުގީގަކަށް ހާޒިރުވާން އަންގާފައިވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.
ޑރ. އައިޝަތު އަލީ އޭސީސީއަށް ހާޒިރު ކުރުމަށް އަންގާފައިވާކަން ސޯލިހު ހާމަކުރި ނަމަވެސް، އޭނާ ހާޒިރު ކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު މިހިނގާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަން ކަމަށެވެ. އަދި މާޒީގައި މިކަން ހިނގައިދިޔަ ގޮތް އެނގޭ ކަމަށެވެ.
އިންސާފުން އެއްކިބާވެފައިވާ ތަޚުޤީޤުތަކާއި، ސިޔާސީ ހުކުންތަކުން މުޅި ޤައުމު ކިލަނބުވާނެ ކަަމަށާއި، މިފަދަ ކަންކަމުން ދުރުވެ، އިންސާފާއި، ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އިލްތިމާސް ކުރާ ކަމަށް ވެސް ކުރީގެ ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

