ރާއްޖޭގެ ޓޫރިޒަމްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރު، ބޮލިވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ވަނީ އަވަހަށް ރާއްޖެ އަންނާނެ ކަމަށް ބުނެފިއެވެ. މިކަން އޭނާ ހާމަކުރީ ވިޒިޓް މޯލްޑިވްސްގެ އިންސްޓަގްރާމް އަދި ޓިކްޓޮކް އެކައުންޓުން އޮކްޓޯބަރު 10، 2025 ގައި ޝާއިއުކުރި ވީޑިއޯއެއްގައެވެ.
ބޮލިވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ވަނީ ރާއްޖޭގެ ޓޫރިޒަމްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެހި، އެކަން ރަސްމީކޮށް އިއުލާނު ކުރީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަހަރުގެ ޖޫން 10 ވަނަ ދުވަހުއެވެ.
އޮކްޓޯބަރު 10، 2025 ގައި ވިޒިޓް މޯލްޑިވްސްގެ އިންސްޓަގްރާމް އެކައުންޓުން ޝާއިއުކުރި ވީޑިއޯއެއްގައި ކެޓްރީނާ ކައިފް ވަނީ “ވަރަށް އަވަހަށް ރާއްޖޭގައި ބައްދަލުވާނެ، “see you soon in Maldives.” ކަމަށް ބުނެފައެވެ. މި ވީޑިއޯގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސާފު ކަނޑާއި، ކަނޑުއަޑީގެ ދިރުން ތަކަށް އިޝާރާތްކޮށް ކެޓްރީނާ، އެތަންތަނުގެ ރީތިވާހަކަވެސް ދެއްކިއެވެ.
ކެޓްރީނާ ކައިފަކީ ކުރިންވެސް ގިނަ ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި 2022 ވަނަ އަހަރު އޭނާގެ 39 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ކުރި ދަތުރާއި، ހަމަ އެ އަހަރު އޭނާގެ ހަނީމޫން ހޭދަކުރުމަށް ކުރި ދަތުރު ހިމެނެއެވެ.

