މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު މާރުކުރާ ވިޔަފާރިތަކުގެ ލައިސަންސް ފީތައް ބޮޑުކޮށްފިއެވެ. މިގޮތުން މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދަށް ގެނައި އެއްވަނަ އިސްލާހުގެ ދަށުން ލައިސަންސަށް އެދޭއިރު ހުށަހަޅާ އެޕްލިކޭޝަން ފީއާއި އަހަރީ ފީ ވަނީ ބޮޑުކޮށްފައެވެ.
އެމްއެމްއޭއިން ދޫކުރާ ފައިސާ ބަދަލުކުރުމުގެ ވިޔަފާރީގެ ލައިސަންސްގެ ތެރެއިން "ޓިއާ ވަން" ލައިސަންސްގެ އެޕްލިކޭޝަން ފީ 20،000 ރުފިޔާއިން 40،000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، ލައިސަންސް އައުކުރުމުގެ ފީ 10،000 ރުފިޔާއިން 20،000 ރުފިޔާއަށް ވަނީ މަތިކޮށްފައެވެ. މީގެއިތުރުން، އަހަރީ ފީގެ ގޮތުގައި 48،000 ރުފިޔާ ދައްކަން ޖެހޭނެއެވެ.
‘ޓިއާ ވަން، ލައިސަންސްގެ ދަށުން ދެ ކެޓަގަރީއެއްގެ ވިޔަފާރި ކުރެވޭނެއެވެ. ކެޓަގަރީ އޭ ގެ ދަށުން އާންމުންނާއި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރެވޭއިރު، ކެޓަގަރީ ބީ ގެ ދަށުން ހަމައެކަނި ވިޔަފާރިތަކަށް އަމާޒުކޮށްގެން މި ޚިދުމަތް ދެވޭނެއެވެ.
"ޓިއާ ޓޫ" ލައިސަންސަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން އެޕްލިކޭޝަން ފީ 20،000 ރުފިޔާއިން 40،000 ރުފިޔާއަށް، އަދި އައުކުރުމުގެ ފީ 10،000 ރުފިޔާއިން 20،000 ރުފިޔާއަށް ބޮޑުކޮށްފައިވެއެވެ. އަދި އަހަރީ ފީގެ ގޮތުގައި 55،512 ރުފިޔާ ދައްކަންޖެހޭނެއެވެ.
މީގެއިތުރުން، ލައިސަންސް ލިބިފައިވާ ހުރިހާ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ކުރިން ބަހައްޓަންޖެހޭ 50،000 ޑޮލަރުގެ ބަދަލުގައި، 100،000 ޑޮލަރު އެމްއެމްއޭގައި ބަހައްޓަން ޖެހޭނެކަން ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

