މިދިޔަ ސެޕްޓެންބަރުމަހު ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންސްޕާއިން 21.8 މިލިޔަނަަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެންސްޕާއިން 21.8 މިލިޔަނަަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާއިރު، އެންމެ ގިނަ އަދަދަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ރާއްޖޭގައި ބޭސްފަރުވާ ފަރުވާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެގޮތުގައި 21.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބޭސް ފަރުވާކުރި ފަރާތްތަކަށް ޚަރަދުކުރި 12،931،030 (ބާރަ މިލިޔަން ނުވަލައްކަ ތިރީސް އެއްހާސް ތިރީސް) ރުފިޔާ އަދި ރާއްޖެއިން ބޭރުގައި ބޭސް ފަރުވާކުރި ފަރާތްތަކަށް ޚަރަދުކުރި 8،905،276 (އަށްމިލިޔަން ނުވަލައްކަ ފަސްހާސް ދުވިސައްތަ ހައްދިހަ ހައެއް) ރުފިޔާއެވެ.
މިދިޔަ މަހު އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ، 14،790 މީހަކަށް މާލީ އެހީގެ ގޮތުގައި 52،818،000 (ފަންސާސް ދެމިލިއަން ހަލައްކަ އަށާރަ ހާސް) ރުފިޔާ ޚަރަދުކޮށްފައެވެ. އަދި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި މިދިޔަ މަހު އެންސްޕާއިންވަނީ 25،640 (ފަންސަވީސް ހާސް ހަސްތޭކަ ސާޅީސް) ރުފިޔާ ޚަރަދުކޮށްފައެވެ.
މީގެއިތުރުން ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމު މެދުވެރިކޮށް އެހީ ހަމަޖައްސާދެވުނު އެސިސްޓިވް ޑިވައިސްތަކަށް މިދިޔަ މަހު އެންސްޕާއިން ވަނީ މުޅި ޖުމްލަ 3،323،632 ރުފިޔާ ޚަރަދުކޮށްފައެވެ. ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންސްޕާގެ އިތުރުން އާސަންދައިންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

