ޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ފަރުވާ ހޯދާފައިވާ 479 ފަރާތެއްގެ ބޭސްފަރުވާއަށް 8.59 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެންސްޕާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، އޭޑީކޭ ހޮސްޕިޓަލުގައި 170 މީހަކަށް 3.6 މިލިއަން ރުފިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި 309 މީހަކަށް 5 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ވަނީ ޚަރަދުކޮށްފައެވެ.
އޭޑީކޭ ހޮސްޕިޓަލުގައި އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ކާޑިއޯވެސްކިއުލާގެ 16 ކޭސްއަށް ކަމަށްވާއިރު، އެއަށް 1 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެއިތުރުން، މައިބަދަ އަދި ނާރުގެ ބަލިތަކަށް 11 ކޭސްއަށް 703,829 ރުފިޔާ، ވިހެއުމުގެ ޚަރަދަށް 26 މީހަކަށް 300,929 ރުފިޔާ އަދި ކަށީގެ ބަލިތަކަށް 25 މީހަކަށް 475,934 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ކުޑަކުދިންގެ ބަލިތަކަށެވެ. އެގޮތުން 25 ކުއްޖަކަށް 1.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ވިހެއުމުގެ ޚަރަދަށް 66 މީހަކަށް 670,553 ރުފިޔާ އަދި ކަށީގެ ބަލިތަކަށް 50 މީހަކަށް 902,611 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެންސްޕާއިން މިފަދަ ޚަރަދުތައް ކުރަމުންދަނީ އާސަންދައިން ބަލިމީހާއަށް ކަނޑައަޅާފައިވާ ޚަރަދުގެ ބޭރުން، ބަލިމީހާއަށް ޚަރަދު ދެކޮޅު ނުޖެއްސޭ ހާލަތްތަކުގައެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ ހެލްތު އިންޝުއަރެންސްގެ ޤައުމީ ނިޒާމު މުރާޖަޢާކުރުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތަކީ އާސަންދަ އަދި އެންސްޕާއިން ކުރާ ހޭދަ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކުރުމަށް ކުރެވޭ މަސައްކަތެކެވެ.

