އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް އަންނަ އަހަރު ބޮޑު ކެމްޕޭނެއް ފަށްޓަވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުދައްރިސުންގެ ދުޅަހެޔޮކަމާއި ތަޢުލީމީ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މުދައްރިސުންނަށް ތަފާތު އެކި ތަމްރީނުތައް ދިނުމާއި މަސައްކަތްތައް ލުއިފަސޭހަކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިއަންނަ އަހަރުގައި އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމައްޓަކައި ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދާނަން. ރޯދަމަހުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެކަށީގެންވާ މުއްދަތު ހިމަނާފައިވާނީ،” ވަޒީރު ވިދާޅުވިއެވެ.
އުނގެނުމުގެ މަތީގައި ދެމިތިބޭ ޤައުމަކަށް ވެވޭނީ ވިސްނާ ފިކުރުކުރާ ޒުވާނުންތަކެއް ބިނާކުރެވިގެން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެހެންނޫނީ މަދަރުސާ ނިންމާފައި ނުކުންނަ ޒުވާނުންނަށް އުފެއްދުންތެރި އޮއްޓަރު ހުރި ކަމެއްގައި ނޫޅެވި އުޅެންޖެހިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކަރިކިއުލަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭގެ މެޕިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ކޮންޓެންޓު ރިވިޝަންގެ ބޮޑު މަސައްކަތްތަކެއް އަންނަ އަހަރު ކުރިއަށް ގެންދަވާނެ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.
ތަޢުލީމީ ނިޒާމުގެ ތެރެއިން ދިރިއުޅުމަށް ތައްޔާރުވާ ކުއްޖަކު ތައްޔާރުކުރުމުގައި ބޮޑަށް ވިސްނަންވީ ފިކުރުކުރާ ބިނާކުރަނިވި ކުއްޖަކު އުފެއްދުމަށް ކަމަށާއި، މަދަރުސާތަކުގައި ތަޢުލީމު ފޯރުކޮށްދެނީ އިސްލާމްދީން ދެކެ ލޯބިވާ، ޤައުމުދެކެ ލޯބިވާ ދަރިވަރުންތަކެއް ބިނާކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

