އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025 މިއަދު ފަށައިފިއެވެ.
“ސްޓްރެންތެނިންގ ފައިނޭންޝިއަލް ގަވަރނެންސް އެންޑް އެކައުންޓަބިލިޓީ” މި ޝިޢާރުގެ ދަށުން ބާއްވާ މި ފޯރަމަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ މެދުގައި ޢިލްމު ހިއްސާކުރުމާއި، މަޝްވަރާ އުފެއްދުމާއި، ފަންނީ ތަޖުރިބާ އިތުރުކުރުމަށް ބާއްވާ މުހިންމު ފޯރަމެކެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް އަބްދުﷲ ވިދާޅުވީ، “މިފަދަ ފޯރަމެއް ރާއްޖޭގައި ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް” ކަމުގައެވެ.
މި މަހުގެ 11 އަދި 12 ވަނަ ދުވަހު އެމްއެންޔޫ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ފޯރަމްގައި އެކައުންޓެންޓުންނާއި، މާލީ އަދި ވިޔަފާރީގެ ދާއިރާގެ ފަންނީ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތައް ހިމެނޭ ގޮތުން 300 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ފޯރަމްގައި އިންޓަރނަލް އޮޑިޓް ފަންކްޝަން ހަރުދަނާކުރުމާއި، ސަރުކާރުގެ މާލީ ހިސާބުތައް އެކްރޫއަލް ބޭސިސްއަށް ބަދަލުކުރުމާއި، ލިކުއިޑިޓީ އަދި ފިސްކަލް މެނޭޖްމަންޓްގެ ގޮންޖެހުންތަކުގެ އިތުރުން، ސަސްޓެއިނަބިލިޓީ ރިޕޯޓިންގ، ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭ މުހިންމު މަޝްވަރާތައް ކުރިއަށްދާނެއެވެ.

