މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވިގޮތުގައި، މި ޝިޕްމަންޓުގައި 56,450 ޓަނުގެ ބޮޑުހިލަ ހިމެނެއެވެ. މި ޝިޕްމަންޓަކީ ހަމައެކަނި މާޅޮހުގެ ބަނދަރު މަޝްރޫޢަށް އެކަނި ނޫން ކަމަށާއި، ބ. ރ. އަދި ޅ. އަތޮޅުގެ އެހެނިހެން މަޝްރޫޢުތަކުގެ މަސައްކަތްތަކަށް ވެސް މި ބޮޑުހިލަ ބޭނުން ކުރެވޭނެ އެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ 450 މީޓަރުގެ އެއްގަމުތޮށި ލުމާއި، 302 މީޓަރުގެ ބޭރުތޮށި ލުމާއި، 453 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 2,365 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ. މީގެ އިތުރުން، 46,194 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫޢަކީ 75.43 މިލިއަން ރުފިޔާގެ އަގުގައި 930 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. 770 މީހުންގެ އާބާދީއެއް ދިރިއުޅޭ ބ. މާޅޮހަކީ ބަނދަރުގެ ދަތިކަން އިންތިހާއަށް ތަޙައްމަލު ކުރަމުންދާ ރަށެކެވެ.
އެމްޓީސީސީ އިން ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢު ނިމުމުން މާޅޮހުގެ ރައްޔިތުންނަށް ތަނަވަސް ބަނދަރެއް ލިބި، ލަފާ ފުރުމުގެ ދަތިތައް ހައްލު ވެގެންދާނެ އެވެ. އެމްޓީސީސީ އަކީ ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ.

