އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތް ނޫން އެހެން ފަރާތްތަކުން ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް، އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިކަން ވަޒީރު ފާހަގަކުރެއްވީ ހުޅުމާލޭގައި އެފްޑީސީން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓް ކުއްޔަށް ދޫކުރުމަށް ބައެއް ފަރާތްތަކުން އިޢުލާން ކުރަމުންދާ ދަނޑިވަޅެއްގައެވެ. މީސް މީޑިއާގެ ބައެއް ޕޭޖްތަކުގައި 3 ކޮޓަރީގެ އެޕާޓްމަންޓްތައް 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރުމަށް އިޝްތިހާރުކުރަމުންދާކަން ފާހަގަކުރެވެއެވެ.
"އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން،" ވަޒީރު ވިދާޅުވިއެވެ.
ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށް ނުވަތަ އެހެން ބޭނުމަކަށް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތައް ވެސް މިހާރު ދަނީ ބޮޑު އަގުގައި ކުއްޔަށް ދޫކުރަމުންނެވެ. ހިޔާގެ ކުއްޔަށް މެއިންޓެނަންސްއާއެކު މިހާރު ދައްކަންޖެހޭ 4،984 ރުފިޔާގެ ބަދަލުގައި 15،000 ރުފިޔާއާއި 18،000 ރުފިޔާއަށް ވެސް ކުއްޔަށް ދޫކުރަމުންދާކަން ފާހަގަކުރެވެއެވެ. މިކަމަކީ ނިކަމެތިންގެ އަސާސީ ޙައްޤުތަކުން މަޙްރޫމްވާނެ ކަމެއްގެ ގޮތުގައި ޢާންމުން ދަނީ ފާހަގަކުރަމުންނެވެ.

