ކ. ހުރާގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ސަރަހައްދު ފުންކުރުމާއި، ގޮނޑުދޮށުގައި ތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދުގައި ކޮންކްރީޓް ޕޭވްމަންޓް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
ހުރާގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، މި މަޝްރޫއުގެ ތެރޭގައި ރޭމްޕެއް އެޅުމާއި، ދޯނިފަހަރަށް ފަސޭހައިން އަރައި ފޭބޭނެ އެކްސެސް ޕްލެޓްފޯމެއް ތަރައްގީކުރުމާއި، 120 މީޓަރު ދިގު އަދި ދެ މީޓަރު ފުޅާ ޖެޓީއެއް އެޅުން ހިމެނެއެވެ. އަދި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނެވިގޭޝަނަލް ލައިޓްސް އާއި ހާބަރ ލައިޓްސް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ 47 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީއަކީ 43 އަހަރުގެ ތަޖުރިބާއާއެކު ރާއްޖޭގެ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ، އަދި ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.
އެމްޓީސީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އިމާރާތްކުރުމާއި، ފަޅު ހިއްކުމާއި، ބަނދަރު ހެދުމާއި، ބިން ހިއްކުމާއި ޖެޓީ ހެދުން ފަދަ މުހިންމު އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

