ދިރާގުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ފުޅާކޮށްފައެވެ. މިއީ ރާއްޖޭގެ މުވާސަލާތީ ކުންފުންޏަކުން މިފަދަ ކަމެއް ހާސިލުކުރި ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީއާއެކު ދިރާގުން މިހާރު ވަނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި މުވާސަލާތީ ޑޭޓާ ނެޓްވޯކް ގާއިމްކޮށްފައެވެ. މިއީ ބޮޑެތި އަދި ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއިންވެސް ވަރަށް މަދު ގައުމަކަށް ހާސިލުކުރެވިފައިވާ ކަމެއްކަމަށް ދިރާގުން ފާހަގަކުރެއެވެ. އަދި މީގެ ސަބަބުން މުޅި ރާއްޖޭގައި ޑިޖިޓަލް ގޮތުން އިތުރަށް ބާރުވެރި މުޖުތަމައުތަކެއް ބިނާވެ، އެ ފަރާތްތަކަށް ޑިޖިޓަލް މުސްތަގުބަލުގައި ކުރިއެރުމުގެ ފުރުސަތުތައް ފުޅާވެގެންދާނެއެވެ.
މި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންގެ އިތުރުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އަދި ސަރުކާރުގެ އިސް ވެރިންނާއި ސިޓީ ކައުންސިލްގެ މެންބަރުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިހުސާން ވިދާޅުވީ “ދިރާގަކީ ހަގީގީ މާނައިގައި ދިވެހިރާއްޖޭގެ ގުޅުން ގާއިމްކޮށްފައިވާ ފުރަތަމަ އަދި ހަމައެކަނި ކުންފުނި” ކަމަށެވެ.
ދިރާގުގެ ސީއީއޯ އިސްމާޢީލް ރަޝީދު ވިދާޅުވެފައިވަނީ މިކަން ހާސިލުކުރެވިފައިވަނީ ދުރާލާ ރޭވި ގިނަ އިންވެސްޓްމަންޓްތަކަކާއެކު ކަމަށެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ސަބްމެރީން ކޭބަލް ޕްރޮޖެކްޓްތަކާއި، ރާއްޖޭގެ އެތެރޭގެ ސަބްމެރީން ކޭބަލް ޕްރޮޖެކްޓްތަކާއި، މައި ނެޓްވޯކް ތަރައްގީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.
މިއީ ސަރުކާރުން ދިވެހިރާއްޖެ “ސްމާޓް ނޭޝަން” އެއްގެ ގޮތުގައި ގާއިމުކުރުމާއި މުޅި ރާއްޖޭގައި އިންޓަނެޓް ޚިދުމަތުގެ ފެންވަރު މަތިކޮށް، އަގު ހެޔޮކުރުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ. ވޭތުވެދިޔަ 37 އަހަރު ތެރޭގައި ދިރާގުން ވަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި އެންމެ ކުރީ ސަފުގައި މަސައްކަތްކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށް އިތުބާރުހުރި އަދި ޒަމާނީ ހައްލުތަކެއް ފޯރުކޮށްދީފައެވެ.

