ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މަޢުލޫމާތު ލީކުވުމުގެ ފުރުސަތެއް ނޯންނާނެކަމަށް އެ ޚިދުމަތުން ބުނެފިއެވެ. މިކަން ފުލުހުން ހާމަކޮށްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވެފައިވާކަމަށް ކުރެވުނު ތުހުމަތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ތަޙުޤީޤުކުރާ މައްސަލަތަކާ ގުޅިގެން ބެލުމުގެ ދަށަށް ގެނެވޭ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއް ވަނީ ޤާއިމުކޮށްފައެވެ. އަދި މި އުސޫލުތަކުގެ ދަށުން އެ ތަކެއްޗާއި، އޭގައި ހިމެނޭ މަޢުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާކަމަށް ކުރާ ތުހުމަތަކީ “އެއްވެސް ހަޤީޤަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތުތަކެއް” ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ފާހަގަކޮށްފައިވަނީ، އެ ޚިދުމަތުގެ ތަޙުޤީޤުތައް ކުރިއަށްގެންދަނީ ޕްރޮފެޝަނަލްކަމާއެކު ޤާނޫނީ ހަމަތަކުގެ މަތިން، ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތްތަކުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއި، ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަށް އަބަދުވެސް އިސްކަންދޭނެކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

