ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާރމިނަލް 1 އިން މެލޭޝިއާ އެއަރލައިންސްއަށް ޚިދުމަތްދޭން ފަށައިފިއެވެ. މިކަން ފާހަގަކުރުމަށް އެއަރޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައި، ފްލައިޓަށް ވޯޓަރ ސެލިއުޓެއް ދީފައެވެ.
މިއަހަރުގެ ޖުލައި 26 ގައި ހުޅުވުނު ވީއައިއޭގެ އައު ޓާރމިނަލަށް ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޚިދުމަތްތައް އަންނަނީ ބަދަލުކުރަމުންނެވެ. މި ގޮތުން މެލޭޝިއާ އެއަރލައިންސްގެ ފުރަތަމަ ފްލައިޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށް އެއަރޕޯޓުން ވަނީ ފިނިފެންމާ ބަހާފައެވެ.
ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވިފައިވާ މި ޓާރމިނަލުގެ ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސަރވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. އަދި މީގެ އިތުރުން، 12 އެއިރޯ ބްރިޖްވެސް ވަނީ މި ޓާރމިނަލުގައި ޤާއިމްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހު ވަނީ ބެއިޖިންގ ކެޕިޓަލް އެއަލައިންސް އަދި އިންޑިގޯ އެއަރލައިންއަށްވެސް ޓާރމިނަލް 1އިން ޚިދުމަތްދޭން ފަށާފައެވެ. މިއީ އައު ޓާރމިނަލުގެ ޚިދުމަތް ފުޅާވަމުން އަންނަކަމުގެ ހެއްކެކެވެ.

