ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ނުވަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިއްޖެއެވެ. މިއީ އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ހޯދުނު ބިދޭސީންނެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މާލޭގެ ރޯޝަނީ މަގާއި އެ މަގާއި ގުޅިފައިވާ ގޯޅިތަކުގައި އުޅެމުންދިޔަ 104 ބިދޭސީން ވަނީ ބަލައި ފާސްކޮށްފައެވެ. މީގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ނުވަ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
“ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގެ ރޯޝަނީ މަގާއި އެ މަގާއި ގުޅިފައިވާ ގޯޅިތަކުގައި އުޅެމުންދިއަ 104 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 09 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި،” އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން މި އަހަރުގެ ތެރޭގައި ހިންގާފައިވާ ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކުރެވިފައެވެ. މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ.
އިމިގްރޭޝަނުން ފާހަގަކުރާ ގޮތުގައި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ހާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

