ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވުނު މޯލްޑިވްސް ޓުއަރިޒަމް އެވޯޑް ހަފްލާގައި 8 ފެސިލިޓީއަކަށް ޖުމްލަ 10 އެވޯޑެއް ދީފިއެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނާގޮތުގައި މި އެވޯޑް ދިނުމުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކުންފުނިތަކުގެ އަގުވަޒަންކުރުމެވެ. މި އެވޯޑްތައް ދީފައިވަނީ ޓޫރިސްޓް ރިސޯޓުތަކާއި، ޓޫރިސްޓް ހޮޓެލްތަކާއި، ޑައިވް ސެންޓަރުތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓްރެވަލް އެޖެންސީތަކަށެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ކުރިއަށް އޮތް އެވޯޑް ހަފްލާގައި އިތުރު ކެޓަގަރީތަކެއް ތަޢާރަފްކުރައްވާނެ ކަމަށެވެ. “މިއަދު އަޅުގަނޑު އިއުލާނުކޮށްލަން ބޭނުންވޭ ދެން އަންނަ ޓޫރިޒަމް އެވޯޑް ހަފްލާއަކަށް ކެޓަގަރީތައް އިތުރުކުރެވޭނެ ވާހަކަ،” ވަޒީރު ވިދާޅުވިއެވެ.
އިތުރުކުރެވޭ ކެޓަގަރީތަކުގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވުމާއި، ރާއްޖޭގެ ސަޤާފަތާއި އާދަކާދަ ދައްކުވައިދޭ މަސައްކަތްތައް ކުރާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީތަކެއް ހިމެނޭނެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ވަކިވަކި ފަރުދުންނަށްވެސް ޚާއްޞަ ކެޓަގަރީއެއް ތަޢާރަފްކުރެވޭނެއެވެ.
މިއަހަރުގެ އެވޯޑްތައް ދީފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުން 2022 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް އެވޯޑްތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން މި ހަފްލާ ބާއްވަމުން އަންނަނީ ކޮންމެ އަހަރަކުއެވެ.

