އިންޑިޔާ އާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތައް ހާމަކުރަން ގޮވާލުމުން އެމެޑީޕީގެ ބައެއް މެމްބަރުން އެކަމަށް ފާޑުކިޔައިފިއެވެ.
ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ އިންޑިޔާ ރާއްޖެ ދެމެދު އެކުލަވާލައިފާ އެއެއްބަސްވުންތަކުގެ ތަފްސީލް ދިވެހި ރައްޔިތުންނަށް އެގޭގޮތަށް ހިއްސާކުރުމަށް ގޮވާލާފައެވެ. އެހެންކަމުން އެޕާޓީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން ދަނީ އޭނައަށް އަމާޒުވަމުންނެވެ.
ރައްޔިތުންގެ މަޖުލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވި ގޮތުގައި ހަސަން 241 ކޮމެޓީގައި އިންނެވިއިރު އެބޭފުޅާގެ ޒިންމާ އަދާ ނުކުރައްވާ ކަމަށާއި ސޯޝަލް މީޑީޔާގައި އެއްބަސްވުންތަކުގެ ވާހަކަ ދެއްކުމުކަކީ ލަދުވެތި ކަމެއް ކަމަށެވެ.
މީގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ރާއްޖޭގެ ޑިފެންސް އެގްރީމެންޓުތަކަކީ ރައްޔިތުންނަށް ހާމަކުރަން ޖެހޭ މައުލޫމާތްތަކެއް ނޫން ކަމަށާއި އެމް.އެން.ޑީ.އެފުން މިމައުލޫމާތުތައް 241 ކޮމެޓީގައި ހިއްސާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހަސަން މިފަދަ ވާހަކަތައް ދައްކަން ޖެހޭ ސަބަބެއް ނޭގުނު ކަމަށް އިކްރާމް ވިދާޅުވިއެވެ.
ހަސަން ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ އުތުރުތިލަފަޅުގެ އެއްބަސްވުމުގައ ހިމެނޭ ކަންތައްތަކުގެ އިތުރުން އިންޑިޔާގެ އެހީތެރިކަން ސަރުކާރުން ހޯދަމުންދާގޮތް ރައްޔިތުންނަށް ހާމަކުރަން ޖެހޭނެ ކަމަށާއި ރައްޔިތުންގެ ހިތުގައިވާ ޝައްކުތައް ފިލުވައި ދިނުމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އަކަށް ހުރެ މިފަދަ ޓްވީޓްތައް ކުރަމުން ގެންދާތީ އިދިކޮޅު ބައެއް ފަރާތްތަކުގެ އިތުރުން ގިނަ އާންމު ރައްޔިތުންދަނީ ހަސަންގެ ޓްވީޓްތަކަށް ތާއީދުކުރަމުންނެވެ.
ދިޔާނާ ވިދާޅުވަނީ ހަސަން ލަތީފްގެ ޓްވީޓުން ފެނިގެންދަނީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް ހޯދައިދިނުމަށް އޭނާ ކުރަމުން ގެންދާ މަސައްކަތް ކަމަށާއި އެއީ އެއްގޮތަކަށްވެސް ސަރުކާރަށް ފާޑުކިޔުން ނޫން ކަމަށެވެ.

