ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ހާއްސަ މެސެޖެއް ދެއްވައިފިއެވެ.
ކޮމިޝަނަރގެ މެސެޖުގައި، އޮކްޓޫބަރު 11 ވަނަ ދުވަހު ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ހަނދާންކޮށްދެނީ ކޮންމެ އަންހެން ކުއްޖެއްގެ ކިބައިގައިވާ ގާބިލުކަމާއި އެކުދިންގެ ހިތްވަރާއި ކުރިމަގަށް އެކުދިން ކުރަމުންދާ އުންމީދުކަން ފާހަގަކުރެއްވިއެވެ.
އަދި ދިވެހި ފުލުހުން ޚިދުމަތުން މަސައްކަތްކުރަމުންދާނީ އަދި ދެމިތިބޭނީ، ކޮންމެ އަންހެން ކުއްޖަކަށް ވެސް ރައްކާތެރިކަމާއި، އިހުތިރާމް އަދި ބިރުވެރިކަމެއް ނުވަތަ ހުރަހެއް ނެތި އެ ކުދިންގެ ހުވަފެންތައް ހާސިލުކުރުމަށް ބާރު ލިބިދޭ މުޖުތަމައުއެއް ބިނާކުރުމުގެ އަޒުމުގައިކަން ފާހަގަކުރައްވާފައިވެއެވެ. ހަމަ އެހެންމެ އަންހެން ކުދިންގެ ހައްގުތަކާއި ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ ހަމައެކަނި ޒިންމާއެއް ނޫންކަމާ އެއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްކަން ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރގެ މެސެޖު ނިންމަވައިލައްވާފައި ވަނީ ކޮންމެ ކުއްޖަކީ ވެސް މުޖުތަމައުގައި އިތުބާރާއި، ހަމަހަމަ ފުރުސަތުތައް އަދި އިހުތިރާމާއެކު ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރުމަށް ބާރުއަޅުއްވާފައެވެ.

