ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފިއެވެ. މެޓުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާއި ހަމައަށެވެ.
ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާއި ހަމައަށް މިސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:40 އިން މެންދުރު ފަހު 1:00 އާ ހަމައަށެވެ.
މެޓުން ބުނީ، އެ ސަރަޙައްދުތަކަށް މިއަދު މެންދުރު 13:00 ޖެހުމާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 ނުވަތަ 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ވައި ޖެހޭނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގައި ކަމަށްވެސް މެޓުން ވަނީ ހާމަކޮށްފައެވެ.
މިއަދުގެ މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު މެޓް އޮފީހުން ބުނީ މިއަދު އިތުރު އޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

