ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކޮށް ބަލަހައްޓަމުން ގެންދާ ސޯޝަލް ހައުސިން ފުލެޓްތައް ކުއްޔަށް ދީފައިވޭތޯ ބަލައި، އެ ފަރާތްތައް ހޯދައި، ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށާއި، އެހެންކަމުން މި ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީއާއި ސޯޝަލް ހައުސިން ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއްކަން އިއުލާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެއްބަވުސްމާ ޚިލާފަށް ފްލެޓްތައް ކުއްޔަށް ދޭނަމަ އެއްބަސްވުމުގައި ވާގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެހެންކަމުން، ސޯޝަލް ހައުސިން ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެ ކޯޕަރޭޝަނުން ބަލަމުން ގެންދާނެ ކަމަށާއި، އަދި އެއްބަސްވުމާ ހިލާފަށް، އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެކަން އަންގައި އިއުލާނުކުރާ ކަމަށް ވަނީ އެޗްޑީސީން ބުނެފައެވެ.
ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ކުއްޔަށް ދޭ މައްސަލަ ބޮޑުވެ، އެތަންތަން ދައުލަތަށް ނަގަން ކުރަންޖެހޭ މަސައްކަތް ކުރުމަށް، ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ފަށަން ތައްޔާރުވެފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ އިއްޔެ ވިދާޅުވެފައެވެ.

