އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓް މަޝްރޫޢުގައި، މީގެ ކުރީގެ ސްކީމްތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް ފްލެޓް ދޭން ހިމަނާފައި އޮތްކަމަށެވެ. އަދި މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ދަށުން، އެ މީހުންގެ ނަންތައް ލިސްޓުން އުނިކުރެވޭނެ ގޮތެއް ނެތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ނޫސްވެރިންނާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި 976 ދެމަފިރިންގެ ތެރެއިން 645 މީހުންނަކީ 76 މާކްސްއިން މަތިން ޕޮއިންޓް ލިބިގެން ފްލެޓް ލިބޭކަމަށް ކަނޑައަޅާފައިވާ ފަރާތްތަކެވެ. “ދެމަފިރިންނަށް ފްލެޓް ދިނުން މަނާކުރާ ޤާނޫނެއް ނުވަތަ އުސޫލެއް ނެތް. 976 ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށް ކުރީގެ ސްކީމުތަކުން ފްލެޓް ލިބިފަ އޮތީ. ސޮއިކޮށް ޕްލޮޓް ކަނޑައަޅާފަ އޮތީ. އެހެންވީމަ މިކަން ހުއްޓުވޭކަށް ނެތް، ދޭން އެބަ މަޖުބޫރުވޭ،” ވަޒީރު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާ އެކު މަޝްވަރާކޮށްފައިވާ ކަމަށާއި، ނަމަވެސް ޤާނޫނީ ގޮތުން މިކަން ހުއްޓުވޭނެ އެއްވެސް އުސޫލެއް ނެތްކަން ވަނީ ފާހަގަކުރެވިފައެވެ. އިޖުތިމާޢީ އިންސާފުގެ ނަޒަރަކުން ބަލާއިރު، ސަރުކާރުގެ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކުން ދެމަފިރިއަކަށް ވަކިވަކިން ފްލެޓް ލިބުމަކީ، ޙައްޤުވެރި އެހެން އާއިލާތަކަށް ވެވޭ ބޭއިންސާފެއްކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުން މިހާރު ރިވިއުކުރަމުން ދަނީ ކުރީގެ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ގައި އެކުލަވާލި ގެދޮރުވެރިޔާ ސްކީމުގެ ލިސްޓެވެ. މި ލިސްޓުގައި ހިމެނޭ ދެމަފިރިންގެ ތެރެއިން، ދެ މީހުންނަށްވެސް މި ސްކީމުން ފްލެޓް ލިބޭ އެއް ދެމަފިރިން ހިމެނޭކަންވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ސްކީމްތަކުން ފްލެޓް ލިބެންވާނީ އެންމެ ޙައްޤުވެރި ފަރާތްތަކަށެވެ. މިފަދަ ގޮތަކަށް ތަކުރާރުކޮށް އެއް އާއިލާއަކަށް ފްލެޓް ލިބޭގޮތަށް އޮތް އުސޫލަކީ ޤަބޫލުކުރެވޭނެ އުސޫލެއް ނޫންކަމަށާއި، މީގެ ސަބަބުން ވަރަށް ގިނަ އާއިލާތަކެއް ސްކީމުން މަޙްރޫމްވެފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

