ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވުމާއެކު، ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތްތަކަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، މުބާރާތުގެ އިނާމުތައް ބޮޑުކޮށް، އެއްވަނައަށް އަންނަ ފަރާތްތަކަށް ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލައިފައެވެ.
37 އަހަރުގެ ތާރީޚެއް އޮތް މި މުބާރާތަކީ، ކުޑަކުދިންނާއި އާންމުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމަށް ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ. މި މުބާރާތް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ހުރިހާ އުމުރުފުރައެއްގެ ބައިވެރިން މި މުބާރާތުގައި ބައިވެރިވަމުން އަންނަކަން ފާހަގަކުރެވެއެވެ.
"ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ކީރިތި ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމަށް، ބާރު އެޅުމަށް، އެދާއިރާއިން ކުރިއަށްދިޔުމަށް ހުރިހާ މަގުތަކެއް ފަހިކުރުމަށް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މުބާރާތުގެ އެކި ގޮފިތަކުން އެއްވަނައަށް އަންނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ފައިސާގެ އިނާމު އެއްލައްކަ ރުފިޔާއަށް އިތުރުކުރައްވާފައިވާއިރު، އިސްލާމިކް މިނިސްޓްރީގެ އިނާމު 75,000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. މީގެއިތުރުން، އެއްވަނައަށް އަންނަ ފަރާތްތަކަށް ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ބޭނުން ޤައުމަކުން ކިޔެވުމުގެ ފުރުސަތު ރައީސްގެ ސްކޮލަރޝިޕްގެ ދަށުން ލިބިގެންދާނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވެފައިވަނީ މި ބަދަލާއެކު، މުސްތަޤުބަލުގައި އެކި ދާއިރާތަކުގައި މަތީ ތަޢުލީމާއެކު މަތީ މަޤާމުތަކުގައި ތިއްބަވާނެ ބޭފުޅުންނަކީ ކީރިތި ޤުރުއާނަށް އަހުލުވެރި ބަޔަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މިއީ އިންޤިލާބީ ބަދަލެއްކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

