ހުޅުމާލޭގައި އެފްޑީސީން ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓުތައް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް ބައެއް ފަރާތްތަކުން އިޢުލާންކުރަމުންދާ ދަނޑިވަޅެއްގައި، އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ ފިޔަވަޅު އަޅާނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ފާހަގަކުރި ގޮތުގައި “ސޯޝަލް ހައުސިންގ ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަންނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެއް” ކަމަށާއި، އެ ފްލެޓްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީއާއި ސޯޝަލް ހައުސިންގ ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެކެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވަނީ ސޯޝަލް ހައުސިންގ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ ބަލާނެ ކަމަށާއި، އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެފްޑީސީން ވެސް ވަނީ ހަރުކަށި އިންޒާރެއް ދީފައެވެ. އެގޮތުން، އެއްބަސްވުމާ ޚިލާފަށް ފްލެޓު ކުއްޔަށްދޭ ނަމަ، އެފަދަ ފަރާތްތައް ހޯދައި، އެ ފަރާތްތަކާއެކު ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، 4000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ މަޢުލޫމާތުތައް އަދިވެސް ރިވިއުކުރަމުންދާ ކަމަށާއި، ފްލެޓްތައް ހަވާލުކުރެވެމުންދަނީ ހުރިހާ ފިނިޝިންގ މަސައްކަތެއް ނިންމުމަށްފަހުގައި ކަމަށް ފާހަގަކޮށްފައިވެއެވެ.

