ޅ. އަތޮޅު އޮޅުވެލިފުށީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ އިސްވެރިންނާއި އެރަށު ކައުންސިލުން ބައިވެރިވެވަޑައިގެންނެވިއެވެ. ވަޒީރު އަޙްމަދު ޝިޔާމް ވަނީ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން އޭޓީއެމުން ފައިސާ ނަންގަވާފައެވެ.
ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި، އޮޅުވެލިފުށީގައި ޤާއިމްކޮށްފައިވާ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ.
އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 18 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައެވެ. ބޭންކުގެ އަމާޒަކީ މި މަޝްރޫޢު މި އަހަރުގެ ތެރޭގައި ނިންމާލުން ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

